-
-
logo

އެސްޑީއެފްގެ ރިޒަރވް 2 މިލިއަން ޑޮލަރުން 121 މިލިއަން ޑޮލަރަށް އިތުރުވެއްޖެ: ރައީސް

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
އެސްޑީއެފްގެ ރިޒަރވް 2 މިލިއަން ޑޮލަރުން 121 މިލިއަން ޑޮލަރަށް އިތުރުވެއްޖެ: ރައީސް

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު، އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި މިހާރު އެ އަދަދު 121 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގެ ރިޒާވަށް ބަލާއިރު މާޗް މަހާއި ހަމައަށް ދަނީ "ރަނގަޅު ޓްރެންޑަކަށް" ކަމަށެވެ.

އިގްތިޞާދުގެ ކަންކަން ރާވަމުން ގެންދަވަނީ ލޯނުތައް ދައްކަމުން، އެސްޑީއެފަށް ފައިސާ ޖަމާކުރަމުން، ސަރުކާރުގެ ޚަރަދުތައް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާއިންނެވެ.

ކުރިން ނަގާފައި ހުރި ލޯނުތައް އަނބުރާ ދެކުމަށް މި އަހަރުގެ މިހާތަނަށް ވަނީ 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ރައީސް ވިދާޅުވީ އޭގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަން ޖެހުނު ލޯނެއް ވެސް ހިމެނޭ ކަމަށެވެ.

"ސަރުކާރުގެ އެބަހުރި އެކި މަހުންމަހަށް ވާސިލްވާންޖެހޭ އަމާޒުތަކެއް. މި އަަހަރު ދަރަނި 9.4 ބިލިއަނަށް ކުޑަކުރަން ބޭނުންވާ ވާހަކަ ވެސް ބުނެފައި އޮންނާނީ. ބޭރުގެ ދަރަނި ވެސް ދައްކަން އެބަހުރި. މި ހުރިހާ ކަމެއް މެނޭޖްކުރުމަށް ޓަކައި މި އަހަރު މި ހިސާބަށް މި ވަރުގެ ޕްރައިމެރީ ބެލެންސްއެއް ބެހެއްޓުމަށް ޕްލޭންކޮށްފައިވަނީ. އެއްގޮތަކަށް ވެސް ކަންކަމަށް ހަރަދުނުކޮށް ސޭވްކުރަނީއެއްނޫން." - ރައީސް ޑރ. މުއިއްޒު

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ 24 އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ޖުމްލަ ހަރަދަކީ 10.5 ބިލިއަން ރުފިޔާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ad