-
-
logo

ވައުދުތައް ފުއްދުމަށް މި އަހަރާއި އަންނަ އަހަރު 2130 މަޝްރޫއު ކުރިއަށް ގެންދާނެ: ރައީސް

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
ވައުދުތައް ފުއްދުމަށް މި އަހަރާއި އަންނަ އަހަރު 2130 މަޝްރޫއު ކުރިއަށް ގެންދާނެ: ރައީސް

ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް މި އަހަރާއި އަންނަ އަހަރު 2130 މަޝްރޫއެއް ކުރިއަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ކެމްޕެއިން ތެރޭވެސް އަދި ރައީސްކަމުގެ ހުވާކުރެއްވުމަށްފަހުވެސް ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ ވައުދުތައް ރައްޔިތުންނަށް ފެންނާނެހެން ފޮތެއްގައި ވެސް ލިޔެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހުރިހާ މަސައްކަތް ގުޅިފައިވަނީ ވައުދު ފުއްދުމަށް، ނަތީޖާ ނެރުމަށް. މި ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެއް. އަޅުގަނޑުމެންގެ ހުރިހާ ޝައުގެއް ހުރީ ނަތީޖާ ނެރުމަށް. އެހެންވީމަ 2129 ވައުދު ފުއްދުމުގައި މުޅި ސަރުކާރު މަސައްކަތް ކުރަނީ. މުޅި ސަރުކާރުގެ ކޮންމެ މީހެއްގެ ޒިންމާއަކީ ވެސް އެއީ." - ރައީސް ޑރ. މުއިއްޒު

ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެ މީހަކު އައްޔަންކޮށްފައިވަނީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ބޭކާރުގޮތުގައި، މިނިސްޓަރަކުވެސް، އަދި އެހެން މަގާމަކަށްވެސް ބޭފުޅަކު އައްޔަން ނުކުރައްވާކަމަށާއި، ކޮންމެ ބޭފުޅަކު ވެސް އައްޔަން ކޮށްފައިވަނީ ސަރުކަރުގެ ވައުދުތައް ފުއްދުމަށް މަސައްކަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތް ކުރުމަށް، ވައުދުތައް ފުއްދުމަށް މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 2130 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވާނީ ނިންމާފައި." - ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ އެކިއެކި ދާއިރާތަކުން އެކި މަޝްރޫތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި އެ މަސައްކަތްތައް ކުރުމަށް ބަޖެޓްވެސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީތަކުންނާއި ކުންފުނިތަކުން މަޝްރޫއުތަކުގެ އަދާހަމަ ބެލޭނެ ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާނީ އެ ރޭވުންތަކާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބައެއް ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫތައް:

  • ކުޅިވަރު - 551 މަޝްރޫއު
  • ބިން ހިއްކުން - 42 މަޝްރޫއު
  • ބޯހިޔާވަހިކަން - 37 މަޝްރޫއު
  • ކުނީގެ ނިޒާމް - 153 މަޝްރޫއު
  • ސިއްހަތު - 131 މަޝްރޫއު
  • ބޭންކިން - 136 މަޝްރޫއު
  • މިސްކިތް - 50 މަޝްރޫއު
  • މަތީ ތައުލީމް - 23 މަޝްރޫއު
  • މަސްވެރިކަން - 30 މަޝްރޫއު
  • އެއާޕޯޓް - 27 މަޝްރޫއު

ad