މަސައްކަތްތެރި އަންހެނުން ބިނާ ކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަމެއް ދެއްވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި މިންތީގެ ތަފާތުކުރުންތައް ނައްތާލައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ފުރުސަތުތައް ލިބިދީ، ތަފާތު އެކިއެކި މަސައްކަތްތަކުގެ ތެރެއިން މީހުން ބިނާކުރުމަށް ގައުމީފެންވަރުގައި ދަނީ ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އަންހެނުން ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތްތައް ކަމަށާއި، އެގޮތުން އަންހެން ވިޔަފާރިވެރިން އުފެއްދުމަށް އެހީތެރިވުމާއި ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، އެކިއެކި ގިންތިތަކުގައި މަސައްކަތްކުރާ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމަށް މިހާތަނަށް ކުރެވިފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވޭ ކަމަށެވެ..
މިގޮތުން ކުރެވިފައިވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އަންހެނުން ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުޞަދުގައި މި ސަރުކާރުން ފެށި "ފަށާ މަދަދު" ލޯނު ސްކީމަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޕްރޮގްރާމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މި ސްކީމުގެ ދަށުން އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިން ސްކީމެއް ވަނީ ދޫކުރަންފަށާފަ ކަމަށްވެސް ވަނީ ބުނެފައެވެ. "ފަށާ މަދަދު" ލޯން ސްކީމްގެ މަޤްޞަދަކީ ދިވެހި ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. މިއީ ސަރުކާރުގެ ހަފްތާ 14 ގެ ވައުދުތަކުގެ ތެރޭގައިވެސް ހިމަނާފައިވާ ވައުދެއް ކަމަށްވެސް ވަނީ ބުނެފައެވެ..
މީގެ އިތުރުން 2023 ވަނަ އަހަރު، "ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން" (އެމްޖެމް އެޑްވޮކޭޓުން) ގެ ނަމުގައި ސަރުކާރުގެ ގިނަ އިދާރާތަކަކުން ޖެންޑަރ އެޑްވޮކޭޓުން ވަނީ އައްޔަނުކުރައްވާފައި ކަމަށާއި، އެމްޖެމް އެޑްވޮކޭޓުން އައްޔަނުކުރުމުގެ މަޤްޞަދަކީ، ހަމަހަމަކަމުގެ އުޞޫލުތަކަށް ޢަމަލުކުރުމަކީ މަދު ބަޔަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ޚާއްސަ މަސައްކަތެއްކަމަށް ގަބޫލުކުރާ ޤަބޫލު ކުރުން ދޫކޮށްލާ، އެއީ ހުރިހާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުން މުހިންމު ކަމަށްވެސް ވަނީ ބުނެފައެވެ..
އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މި މަސައްކަތުގެ ތެރެއިން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިނގް ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން ދިވެހިރާއްޖޭގައި "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަވެއެވެ.
އެގޮތުން 77 ފަރާތަކުން ބައިވެރިވި އެ ޕްރޮގްރާމަކީ އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މިދިޔަ އަހަރު ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން އިޤްތިޞާދީގޮތުން ބާރުވެރިވެފައިވާ އަންހެނުން އިތުރުކޮށް އެ ފަރާތްތަކުގެ މާލީ ޙާލަތު ވަޒަންކުރުމާއި، މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި މާނަކުރުމުގެ ބާރުލިބިގެން ދިއުމާއި، ވިޔަފާރި ދެމެހެއްޓުމުގެ ރޭވުމުގެ ތެރެއިން އަންހެން ވިޔަފާރިވެރިންނަށް އެމީހުންގެވިޔަފާރީގައި ދިމާވާ ހުރަސްތަކާއި ކުއްލި ޙާލަތްތައް ރާވައި ސްޓްރެޓެޖީ އެކުލަވާލައި އަދި މެނޭޖްކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ދަސްވެގެން ގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ..
ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރުދިނުމުގެ ގޮތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރެހެންދި އެވޯޑުގެ ނަމުގައި އަންނަނީ އަންހެނުންނަށް ޚާއްސަ އެވޯޑެއްވެސް ދެއްވަމުން ގޮސްފައިވާ ކަމަށެވެ. އެ އެވޯޑުގެ މަޤުޞަދަކީ، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި އާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ އިތުރުން މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރުން ކަމަށެވެ..
އިގްތިސާދީގޮތުން އަންހެނުން ބާރުވެރިކޮށް ފުދުންތެރި މުޖުތަމައަކަށް މަގުފަހިކުރުމަށް އަބަދުވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަ ކަމަށް ބާރުއެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި ވަނީ ހަމަހަމަކަން ކަށަވަރު ނިޝާނެއް ވެސް އެކުލަވާލާފައެވެ. އެގޮތުން މަސައްކަތްތައް ބައްޓަން ކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރު ދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް ނިޝާން ދިނުމަށް ހަމަޖެހިފައިވެ އެވެ.
ހަމައެހެންމެ، ޖެންޑަރ ސެންސިޓައިޒޭޝަން އަދި މިންތީގެ ހަމަހަމަކަމަށް އަހުލުވެރިކުރުމުގެ ގޮތުން ގިނަ ތަމްރީނު ޕްރޮގްރާމްތައްކެއް ހިންގުމަށާއި އަދި މިދާއިރާއާއި ގުޅުން ހުރި އިތުރު ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ގިނަ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަޤުސަދުގައި، ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިހާރުވެސް ގެންދަނީ 'ޖެންޑަރ އެކްޝަން ލާރނިންގ ސިސްޓަމް" (ގާލްސް) ގެ ނަމުގައި ޕްރޮގުރާމެއް ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން ހިންގޭ ތަމްރީނު ޕްރޮގްރާމުތައް މިހާރު ކުރިއަށް ގެންދަނީ ހއ އަދި ގއ އަތޮޅުގައެވެ. ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވެސް މިހާރު ވަނީ މުހިއްމު މަޝްވަރާތަކެއް ކުރެވިފައެވެ. މީގެ ބޭނުމަކީ މިފަދަ ޕްރޮގްރާމުތަކުގެ ތެރެއިން، ޚާއްޞަކޮށް ދަނޑުވެރިކަން ފަދަ މަސައްކަތްތަކަކީ ވެސް އަންހެނުންނަށް ކާމިޔާބުކަމާއެކު ކުރެވި އެއިން ނަފާ ހޯދިދާނެ މަސައްކަތެއްގެ ގޮތުގައި ހެދުން ކަމަށާއި، އަދި ދަނޑުވެރިކަމުގެ މަސައްކަތަށް އަންހެނުން އަހުލުވެރިކޮށް މިންތީގެ ހަމަހަމަކަމާއެކު ކުރެވޭ މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަން ވެސް ކުރެވޭނެ ގޮތް ހެދުން ކަމަށެވެ..
ސަރުކާރުގެ އެކިއެކި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އަންހެނުންނަށް ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ހުޅުވި އެ ފުރުސަތުތަކުގެ ބޭނުންކޮށް އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަންހެނުން އަންނަނީ ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ކުރިހޯދަމުން ކަމަށެވެ..