logo

ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އޮވެގެން: ޝިޔާން

އާމިނަތު މޫސާ
2 އަހަރު ކުރިން
ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ޝިޔާން  ވާހަކަ ފުޅުދައްކަވަނީ / ފޮޓޯ: ދިވެހިޗެނަލް

ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ޝިޔާން ވާހަކަ ފުޅުދައްކަވަނީ / ފޮޓޯ: ދިވެހިޗެނަލް

ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އޮވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމަކަށް ވުރެ ދިވެހިންނަށް ރަނގަޅުވާނީ ދެން ވެސް އެމްޑީޕީއަށް ވެރިކަން ލިބިގެންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވެނަ ދައުރެއް ދީފިކަމަށްވާ ނަމަ ރާއްޖޭގެ ތަރައްގީގެ ކަންކަން ބާރުސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާނެކަމަށެވެ. މިރާއްޖެއަށް ސަލާމަތްކަން ލިބޭނީ އެމްޑީޕީގެ ވެރިކަމެއް އޮވެގެން ކަމަށާއި، އަމާންކަމާއި އެކުގައި ކުރިއަށް ދެވެން އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވެރިކަށް ލިބިގެންކަމަށް ޝިޔާން ވިދާޅުވިއެވެ.

2018ގެ ވެރިކަމުގައި ދިވެހި ރައްޔިތުން އުޅެންޖެހިފައިވަނީ ވަރަށް ހާލުގައި ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. 2018 ވަނަ އަހަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ. އޭރުގެ ވެރިކަމުގެ ބިރުވެރިކަމާއި ނާމާކަމުގެ ވާހަކަތައް އެތައް މެމްބަރުންނަކާއި އެތައް ރައްޔިތުންނެއް އަންނަނީ ދައްކަމުންނެވެ. އެގޮތުން ސިޔާސީ ލީޑަރުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ހޭދަކުރަން ޖެހިފައިވާ ދުވަސްތަކުގެ ވާހަކަތައް މިއަދު ވެސް ދައްކަމުންނެވެ. އެގޮތުން އަލުން އަންބުރާ ޕީޕީއެމްގެ ވެރިކަމެއް ދެކެން ބޭނުންނުވާކަމަށް ވެސް ބައެއް ފަރާތަކުން ގެންދަނީ ބުނަމުންނެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށްފަހުގައި އޭރުގެ ހައުސިން މިނިސްޓަރެއްގެ ގޮތުގައި ހުންނަވަނީ މިހާރުގެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ.މުހައްމަދު މުއިއްޒު ކަމަށާއި، 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ޑރ.މުއިއްޒުގެ މިނިސްޓަރުކަމުގެ 7 އަހަރު ދުވަހުގައި މާލޭ ރައްޔިތުންނާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ލިބިގެން ގޮސްފައިވަނީ އަނިޔާކަމަށް ޝިޔާން ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ބޯހިޔާވަހިކަމަށް އޭރުގައި އެމްޑީޕީގެ ސަރުކާރުން އަޅަމުންދިޔަ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދީފައި ނުވާކަން ވެސް ޝިޔާން ފާހަގަ ކުރެއްވިއެވެ. ޑރ.މުއިއްޒު ވަނީ ގިނަ ރައްޔިތުންތަކެއްގެ ފްލެޓްތައްވެސް އަތުލާފަކަމަށް ވިދާޅުވެފައެވެ. ޑރ.މުއިއްޒަކީ އޭރުގައި ވަޒީރެއްކަމަށް ވާއިރު އޭރުވެސް ރައްޔިތުންނަށް ކަންތައް ކޮށްފައި ވަނީ އަނިޔާވެރިކޮށް ކަމަށާއި އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އައިސްފި ނަމަ ރައްޔިތުން ދެން ކަންތައް ކުރާނީ މާ އަނިޔާވެރިކޮށް ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.

ad