ދާއޫދު އަހްމަދު ޒިލާލް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފިއެވެ.
ދާއޫދު މަގާމުން ވަކިކޮށްފައިވަނީ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ދޮގު ބަޔާން ދީފައިވާތީއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީލާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ ދާއޫދު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކުރިކަން އިއުލާންކޮށްފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް އުފެއްދި ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުގައި ބުނާ ގޮތުގައި ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑ އެއްބަފާ ބޭބެ ދާއޫދު ވަނީ ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ މުއާމަލާތުކޮށް ވާހަކަ ދައްކާފައެވެ. އަދި އިހުސާނާއި ދާއޫދު މެދުގައި ކުރެވުނު ޗެޓެއްގެ ތަފްސީލް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އާންމުކޮށްފައިވެއެވެ.
ނަމަވެސް ތަހުގީގުގައި އޭނާ ބުނެފައިވަނީ ޔުމްނު މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައިނުވާ ކަމަށެވެ.
ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުން ދާއޫދު ދޮގު ބަޔާން ދީފައިވާކަން ހާމަވުމާއި ގުޅިގެން އޭނާ މަގާމުން ވަކިކުރީއެވެ.
އެ މައްސަލަ ފެންމަތިވެފައިވަނިކޮށް ދާއޫދު މަސްތުވާތަކެއްޗާއެކު ޕާޓީ ކުރި ކަމަށް ވެސް މީސް މީޑިއާގައި ދަނީ ތުހުމަތުކުރެވެމުންނެވެ. އަދި އޭނާ ބަދުއަހުލާގީ އަމަލުތަކެއް ކުރާއިރު ކައިރީގައި ހުންނަ މަންޒަރާއި ގިނަ އަދަދެއްގެ ރަލާއެކު ހުއްޓިގެން ހުރި ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.