އެމްޑީޕީއާ އަލުން ގުޅެން ނިންމި ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މަރުޙަބާ ކިޔައިފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީއަކީ ޤައުމަށްޓަކައި ޙަޤީޤީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަމަށާއި ރައީސް ނަޝީދާއެކު ގުޅިވަޑައިގަންނަވާ ބޭފުޅުންނާއެކު އެ ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށެވެ.
މި ދަނޑިވަޅަކީ މުހިއްމު އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއްކަމަށާއި އެ ޕާޓީއާ ގުޅޭނެ ކޮންމެ މެންބަރަކީވެސް ޤައުމުގެ ޙައްޤުގައި ވަކާލާތުކުރަން ފަސްނުޖެހޭނެ މެންބަރެއްކަމަށްވެސް ބަޔާނުގައި ވެއެވެ.
އަދި ހަމަ އެހެންމެ އެ ޕާޓީން އަބަދުވެސް، ސަރުކާރު ޖަވާބުދާރީކުރުވާ ޤާނޫނު އަސާސީން ޔަޤީންކޮށްދޭ ޙައްޤުތައް ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.